ކޮވިޑް 19 ބަލި ޖެހިފައިވާ މީހަކާ 6 ފޫޓު ގާތުން ބައްދަލުވެ 15 މިނެޓު ވެފައިވާ ނަމަ އެ މީހަކީ ކޮންޓެކްޓެއްގެ ގޮތުގައި ބަލާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނޭޝަނަލް ސެންޓާ ފޮ ރެސްޕިރޭޓަރީ މެޑިސިންގެ ފިޒީޝަން ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު ވިދާޅުވީ، ކޮވިޑް ބަލި ޖެހިފައިވާ މީހެއްގެ ގައިން ބަލީގެ އަލާމަތް ފެންނަން ފަށާތާ ދެ ދުވަސް ކުރިން އެމީހަކާ، 15 މިނެޓުގެ ވަގުތަކަށް 6 ފޫޓު ގާތުން ބައްދަލުވާ މީހަކީ ޕޮޒިޓިވްވި މިހާގެ ކޮންޓެކްޓެއްގެ ގޮތުގައި ބަލާ ކަމަށެވެ. މީގެ އިތުރުން ބަލީގެ އަލާމާތް ނެތިވެސް ބައްޔަށް ޓެސްޓު ކުރެވޭ މީހެއްގެ ކޮންޓެކްޓުންގެ ގޮތުގައިވެސް އޭނާ ޓެސްޓު ކުރުމުގެ 2 ދުވަސް ކުރިން 15 މިނެޓުގެ ވަގުތަކަށް 6 ފޫޓު ގާތުން ބައްދަލުވާ މީހަކީވެސް ކޮންޓެކްޓެއްގެ ގޮތުގައި ބަލާ ކަމަށެވެ.
ހަމައެއާއެކު މީގެ ކުރިންވެސް އަންގާފައިވާ ގޮތަށް ބަންދު ތަނެއްގައި 15 މިނެޓުގެ ވަގުތަކަށް ތިބޭ މީހުންނަކީވެސް ކޮންޓެކްތުންގެ ގޮތުގައި ބަލާ ގޮތަށް ހަމަޖެހިފައިވާ ކަަމށް ޑރ. މުހައްމަދު ވިދާޅުވިއެވެ. ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއަށް ހަވާލާ ދެއްވަމުންނެވެ.
ކޮންޓެކްޓެއްގެ ގޮތުގައި 6 ފޫޓު ގާތުގައި ހުރުމުންވާނެ ގޮތަށް ގިނަ ގައުމުތަކުގައި އަންނަނީ ބަލަމުންނެވެ. ނަމަވެސް ރާއްޛޭގައި ކޮންޓެކްޓެއްގެ ގޮތުގައި ބަލަނީ ބަލި ޖެހިފައިވާ މިހާއަށް 3 ފޫޓުގެ ދުރުމިނެއް ހުރެއްޖެ ހާލަތްތަކުގައެވެ.
ރާއްޖޭގައި ކޮވިޑޫން ރައްކާތެރިވުމަށް އެކި ކަހަލަ ފިޔަވަޅުތައް އަލަމުން އަންނަ އިރު އާންމުން ހޭލުންތެރި ކުރުވުމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ ނަސޭހަތްތެރި ވަމުންނެވެ. މީގެ ކުރިން ރާއްޖޭގައި ދުވާލެއްގެ މައްޗަށް 200 އާ ގާތްކުރާ އަދަދަށް ކޮވިޑް ބައްޔަށް މީހުން ޕޮޒިޓިވްވަމުން އައިސް މީހާރު މި ބައްޔަށް ޕޮަިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،358 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،383 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައިވާ 931 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 35 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 340 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވި މީހުންގެ އަދަދު ވަނީ 37 އަށް އަރާފައެވެ. އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.