ހދ. ކުޅުދުއްފުށީގައި ކޮވިޑް ފެތުރެމުންދާތީ އެރަށުން ނެގި 120 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެއްޖެއެވެ.
މިހާރު ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރިޕެއާޑްނަސް ޓީމްގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ، ކުޅުދުއްފުށިން 120 ރެންޑަމް ސާމްޕަލް އެއް ނަގާފައިވާ ކަމަށާއި އެ ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ ލިބިފައިވާ ކަމަށެވެ. އެ ގޮތުން އެ ހުރިހާ ސާމްޕަލްއެއްގެ ނަތީޖާ ވަނީ ކޮވިޑަށް ނެގެޓިވްވެފައެވެ.
މި 120 ސާމްޕަލް ނަގާފައި ވަނީ ރެއިން ފެށިގެން ކަމަށާއި ހާއްސަކޮށްފައި ވަނީ ކޮމިއުނިޓީއާ ގުޅޫން ހުރި އަދި ކޮމިއުނިޓީއަށް ހިދުމަތްދޭ ފަރާތްތަކުން ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ ރަށުގައި ހުރި ގެތަކުގެ ތެރެއިން ބަލީގެ އަލާމަތް ހުރި މީހުން ދެނެގަނެ އެ ގެތަކަށް ގޮސްގެން ސާމްޕަލްވެސް ނަގާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކުޅުދުއްފުށީން 120 ރެންޑަމް ސާމްޕަލް ނަގާފައިވާ އިރު، އޭގެތެރެއިން ހައުސް ހޯލްޑުން 25 މީހެއްގެ ސާމްޕަލްއާއި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 35 މީހެއްގެ ސާމްޕަލްއާއި ފިހާރަތަކުން 17 ސާމްޕަލްއާއި، ކެފޭ ރެސްޓޯރަންޓުން 24 ސާމްޕަލްއާއި، ބޭންކް އަދި އެއާޕޯޓު ފަދަ ތަންތަނުން 13 ސާމްޕަލްއާއި، އަދި ޓެކްސީ ހިދުމަތްދޭ 11 މީހެއްގެ ސާމްޕަލްގެ އިތުރުން ބޯޓު ފަހަރުގެ ތެރެއިން 10 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ކުޅުދުއްފުށި މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ 11 މީހުން އެބަތިއްބެވެ. އެއީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަތް 8 މީހަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އަލާމާތްތައް ފެނިގެން ޓެސްޓުކޮސްގެން ޕޮޒިޓިވްވި މީހެކެވެ.
ކޮވިޑް-19ގެ ގުޅުން ނެތް ޕޮޒިޓިވް ކޭސްތަަކެއް ކުޅުދުއްފުށިން ފެންނަމުން ދަނީ އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގަމުންދާތީ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ