ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އިތުރު 45 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 50 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 45 މީހުންގެ ތެރޭގައި ހިމެނެނީ، 8 ދިވެހިންނާއި 37 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 42 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 2 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،316 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު އިތުރު 50 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،284 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 988 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 38 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 340 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 37 މީހަކު ނިޔާވެފައެވެ.‏ އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 21 ރަށެއްގައެވެ. އަދި 20 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 16 ފަތުރުވެރިންނާއި 28 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.