އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިމަހުގެ 28 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް ޕޮމްޕެއޯ މި މަހުގެ 28 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވަން ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްތަރު ޝާހިދާއެކު ބާއްވަވާ މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަ ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ޖުލައި 24، 1992 ގައި އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

މިނިސްޓަރު ޝާހިދު ވަނީ ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައެވެ.