ކުޅުދުއްފުށި ސިޓީގައި ކޯވިޑް-19 ފެތުރޭތީ އެޗްއޯއީސީގެ ހާއްސަ ޓީމަކުން އެކަމާބެހޭ ކަންކަން ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ފައްޓަވައިފިއެވެ.

އެޗްޕީއޭއިން ބުނީ ޓީމް އެކުލަވާލާ މިއަދު އެޓީމުގެ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ސިޓީއަށް އެޗްއޯއީސީގެ ޓެކްނިކަލް ފަރާތްތަކުން ހިމެނޭގޮތަށް ޓީމެއް ފޮނުވުމަށް ވެސް ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ހާއްސަ ޓީމުގެ މަސައްކަތްތައް ކުރިޔަށް ގެންދާއިރު ކުޅުދުއްފުށި ސިޓީގައި މުހިއްމު ކަންތައްތައް ނުހުއްޓި ކުރިޔަށް ގެންދެވޭނެ ގޮތަކަށް މަސައްކަތްތައް ރޭއްވެވުމަށް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައިވެއެވެ.

ކުޅުދުއްފުށި ސިޓީ އަކީ ހަތްދިހަ ހާސް މީހުންގެ އާބާދީއަކަށް ކޭޓަރ ކުރާ އެ ސަރަހައްދުގެ އިގްތިސާދީ ހަބްކަމަށް ވާއިރު ކަންކަން އެކަށައެޅުއްވުމުގައި އިގްތިސާދީ ގޮތުން އަދި އިޖްތިމާއީގޮތުންވެސް މަސައްކަތްތައް ނުހުއްޓި ކުރިޔަށްގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރައްވާ، މިކަންކަން ކުރައްވާ އިރު ހަނދާނުގައި ބަހައްޓަވާތި ދިވެހި ދައުލަތަށް އެންމެމުހިއްމީ ކޮންމެ ރައްޔިތެއްގެ ސިއްހަތުކަން
ނައިބު ރައީސް ފައިސަލް ނަސީމް

އެޗްޕީއޭ އިން ބުނީ މިހާރުގެ ހާލަތަށް ބަލާ އެކި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި ބޭސްފަރުވާއަށް އެއްވެސް ދަތިކަމެއް ނައިސް ކުރިޔަށް ގެންދެވޭނެ ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ފުރިހަމައަށް އިޖާބަދޭނެ ކަމަށް އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެއްވެސް ރައްޔިތަކު ކަންބޮޑުވެނުގަތުމަށާއި އެކަމުގައި ސިއްހީ މާހިރުންނާއި ހުރިހާ އިދާރާތަކެއް ގުޅިގެން އަޅާ ފިޔަވަޅުތައް ދުރާލާ އެޅި އިތުރަށް ފެތުރުނަނުދިނުމަށް މިހާރުވެސް ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާނެ ކަމުގެ ޔަގީންކަން ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުންނާއި އިދާރާތަކުން ދީފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެބައްދަލުވުމުގައި ބައިވެރިވި ސިޓީ ކައުންސިލްގެ ފަރާތުން މިހާރު ކަންކުރަމުންދާ ގޮތުގެ ތަފްސީލް ދީފައިވާއިރު މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލްކުރާ ދެ މެމްބަރުންނާއި ސިޓީ ކައުންސިލްގެ ރައީސާއި ހޮސްޕިޓަލުން ވެސް ވަނީ ބައިވެރިވެފައެވެ.

ކޮވިޑް-19ގެ ގުޅުން ނެތް ޕޮޒިޓިވް ކޭސްތަަކެއް ކުޅުދުއްފުށިން ފެންނަމުން ދަނީ އެރަށުގައި ލޯކަލް ޓްރާންސްމިޝަނެއް ހިނގަމުންދާތީ ކަމަށް އެޗްއީއޯސީ އިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި މިހަރު މޮނިޓަރިންގެ ހާލަތުގައި އޮތްއިރު، އެ ރަށުގައި މިވަގުތު ޕޮޒިޓިވްވެފައިވާ 11 މީހުން އެބަތިއްބެވެ. އެއީ، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ދެނެގަތް 8 މީހަކާއި، ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން އަލާމާތްތައް ފެނިގެން ޓެސްޓުކޮސްގެން ޕޮޒިޓިވްވި މީހެކެވެ.