ހުރިހާ ގައުމުތަކަކާއެކުވެސް، ހާރިޖީ ގުޅުންތައް ހަރުދަނާކުރަމުން ގެންދަވަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުންކަމާށާއި، އޭގެ ތެރޭގައި މިނިވަންކަން ރައްކާތެރިކުރުން ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، ހާރިޖީ ގުޅުންތައް ހަރުދަނާ ކުރާއިރު، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކަށަވަރު ކުރާ ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު ކަމަށައި ކުރިއަށް އޮތްތާ ދަމަހައްޓާނީވެސް މި ސިޔާދަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށެވެ، އަދި އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށެވެ.

ނަމަވެސް މީހާރު ހާރިޖީ ގުޅުންތައް ބަދަހިވަމުން އަންނައިރު އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުންދާ ކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު ރާއްޖޭގެ ހާރިޖީ ގުޅުންތައް އިއާދަކުރެވި ބަދަހިވެފައި ވާ ކަމީ، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަޤްވާމީ މުޖުތަމަޢާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށެވެ. އެގޮތުން ކޮވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަގްވާމީ މުޖުތަމައުގެ ވަރަށް ދީލަތި އެހީތަކެއް ލިބެމުންދާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.