މިއަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވީ ޅެމަކުންނެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން އެމަނިކުފާނު ވަނީ ޓްވީޓެއް ކުރައްވާފައެވެ. ފަހުރުވެރި ގައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ޅެމެއް ލިޔުއްވާފައެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވާފައި ވާއިރު، މިއަދު ހެނދުނު 6:00ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި، ގައުމީ ދުވަހުގެ ހާއްސަ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ އާއި މިނިސްޓާ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާގުޅޭ ހާއްސަ ދުޢާއެއް ކޮށްފައި ވެއެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައި ވަނީ މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމުގެ އިމާމު ނަސްރުﷲ އަލީއެވެ.

މީގެ އިތުރުން މިއަދު ހެނދުނު 10:00 ގައި ރައީސް ސޯލިހް ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.