277 މީހުން ގާނޫނީ ވަކީލު ކަމުގެ ހުވާ މިއަދު ކޮށްފިއެވެ.
ހުވާ ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގިސްފައި ވަނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ. 277 މީހުން މިއަދު ގާނޫނީ ވަކީލުކަމަށް ހުވާ ކޮށްފައިވާ އިރު ހުވާކޮށްފައި ވަނީ ވަކިވަކި ބެޗުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ހަ ބެޗަކަށް ބަހާލައިގެން ބާ ކައުންސިލުން ވަނީ 277 މީހަކަށް ހުވާ ލައިދީފައެވެ.
މި 277 ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
މިއީ ގާނޫނީ ފަންނުގެ ގާނޫނު ވަޖޫދަށް އައި ފަހުން ގާނޫނީ ވަކީލުންތަކެއް ހުވާ ކުރި ފުރަތަމަ ފަހަރެވެ. އެގޮތުން ގާނޫނީ ވަކީލުން ހުވާ ކޮށްފައި ވަނީ ގާނޫނީ ވަކީލުކަން ކިޔެވުމަށްފަހު ހުވައިކުރެވިފައި ނުވާ ފަރާތްތަކަށް ހާއްސާކޮށްގެން ބާ ކައުންސިލުން ބޭއްވި އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި ވަކީލުންނަށެވެ.
ބާ ކައުންސިލުން ބުނެފައި ވަނީ އެ ކައުންސިލުން ބޭއްވި ތަމްރީން ޕްރޮގްރާމުގައި 321 މީހުން ބައިވެރިވެފައިވާ ކަމަށާ އޭގެތެރެއިން 283 މީހުން އެ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބާކީ ތިބި ދަރިވަރުންނަށް އިމްތިހާންގައި ބައިވެރިވެފައި ނުވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމްގައި ޓެސްޓްގައި އިށީނދެވޭ ވަރަށް އެޓެންޑެންސް ނުލިބުމުން ކަމަށް ބާ ކައުންސިލުން ބުނެފައި ވެއެވެ.
ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިންއެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުން ވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދީފައި ވެއެވެ.