ޏ. ފުވައްމުލަކުން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެމީހާ ޕޮޒިޓިވިކަން އެގިފައިވަނީ އެ ރަށުގައި ހޯމް ކަރަންޓީން ކުރެވިފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު އިއްޔެ ނެގި ސާމްޕަލުން ކަމަށެވެ.
އެ ކޮވިޑް ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރެވެމުންކަަމަށާއި މިވަގުތަކީ ރައްޔިތުން ކަންބޮޑުނުވެ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށްޓަކައި އަމިއްލައަށް މަސައްކަތް ކުރަންވީ ވަގުތުކަމަށްވެސް އެ ރަށު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާއި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެެއްޓުމަށް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހޯމް ކަރަންޓީންގައި ތިބި މީހުން ކަރަންޓީންގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މިފަދަ ވަގުތެއްގައި ވަރަށް މުހިއްމު ކަމެއްކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ފުވައްމުލަކުން މީހަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު ވަނީ ހދ. ކުޅުދުއްފުށީ ކްލަސްޓާއިންވެސް އިތުރު 2 މީހަކު ޕޮޒިޓިވް ވެފައެވެ.