މިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް ކަސްޓަމްސްއަށް ލިބުނުު އާމްދަނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 59 ޕަސަންޓް ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓްމަސް އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުން، ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީ ދަށަށް ގޮސްފައިވާއިރު، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 119 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް ވެސް ވަނީ ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން، އިމްޕޯޓް 50 ޕަސަންޓުން ދަށްވެފައިވާއިރު، އެކްސްޕޯޓް ދަށްވީ 37 ޕަސަންޓުންނެވެ.
ސެޕްޓެމްބަރު މަހު 199 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، އެއީ، ހައްތަހާވެސް މަހުގެ އުފެއްދުންތަކެވެ. އެގޮތުން، އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން ޔުކޭއަށް 21 ޕަސަންޓް، ޖާމަނީއަށް 19 ޕަސަންޓް،، ފްރާންސަށް 17 ޕަސަންޓް އަދި އިޓަލީއަށް 7 ޕަސަންޓުގެ އިތުރުން ސްރީލަންކާއަށް 7 ޕަސަންޓެވެ.
ސެޕްޓެމްބަރު މަހު 1.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، އޭގެ ތެރޭގައި 458 މިލިއަން ރުފިޔާގެ މެޝިންތަކާއި، 324 މިލިއަން ރުފިޔާގެ ކާބޯތަކެތިި، 197 މިލިއަން ރުފިޔާގެ ގޭހާއި ޕެޓްރޯލް ހިމެނެއެވެ. އަދި 193 މިލިއަން ރުފިޔާގެ ކެމިކަލް، 141 މިލިއަން ރުފިޔާގެ ދަގަނޑު ވެސ ްވަނީ އިމްޕޯޓްކޮށްފައެވެ. މީގެ އިތުރުން ޕްލާސްޓިކާއި، ލަކުޑި، ސިމެންތި، އުޅަނދުތަކުގެ އިތުރުން އެނާޖީ ޑްރިންކް، ސިނގިރެޓް އަދި ދުންފަތުގެ ބާވަތްތަކަކީ ވެސް އެންމެ ގިނައިން އެތެރެ ކުރި ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗެއްވެ.
އެންމެ ގިނަިއން މުދާ އިމްޕޯޓް ކޮށްފައިވާ ގައުމުތަކުގެ ތެރެއުން ޗައިނާއިން 18 ޕަސަންޓް އެތެރެކޮށްފައިވާއިރު، އިންޑިއާއިން 14 ޕަސަންޓް، ސިންގަޕޫރުން 11 ޕަސަންޓް، އޮމާނުން 9 ޕަސަންޓް އަދި ޔޫއޭއީން 9 ޕަސަންޓް މުދާ ވަނީ އެތެރެކޮށްފައެވެ.
ސެޕްޓެމްބަރު މަހު ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަން އަދި ކްލިއަރެންސް ދެވިފައިވާ އުޅަނދު ފަހަރުތަކުގެ ތަފާސްހިސާބަށް ބަލާ އިރު، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 9143 އަށް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 19،374 ޑިކްލަރޭޝަން ހެދުނުއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ހެދުނީ 10،231 ޑިކްލަރޭޝަންއެވެ.