ރާއްޖޭގެ އާބާދީގެ ވިހި އިންސައްތައަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޯވެކްސް ފެސިލިޓީގައި ރާއްޖެ ބައިވެރިވެފައި ވާއިރު އެތަނުން ކެޓަގަރައިޒް ކުރާ ގޮތުން ރާއްޖެއަކީ އެޑްވާންސް މާކެޓް ކޮމިޓްމަންޓް ގްރޫޕުގައި ހިމެނޭ ގައުމެއް ކަމުން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ވިހި އިންސައްތަ މީހުންނަށް ޑޯނާ ފަންޑުގެ ދަށުން ވެކްސިން ލިބޭނެ ކަމަށެވެ.

އެހެންކަމުން، އެ އަދަދަށް ވެކްސިނަށް ހަރަދުކުރަން ނުޖެހޭނެ ކަމަށާއި ރާއްޖޭގެ އާބާދީގެ އެއަށް ވުރެ ބޮޑު ބަޔަކަށް ވެކްސިން ދޭނަމަ ޖެހޭނީ އެ އަދަދަށް ވެކްސިން ހޯދަން ކަމަށާއި ވިހި އިންސައްތަ އަށް ހިލޭ ވެކްސިން ލިބުނު ނަމަވެސް އާންމުންނަށް ފޯރުކޮށްދޭން އިތުރު ހަރަދުތަކެއް ކުރަން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖެހުމަކީ ބޮޑު ކަމެއް ކަމަށާއި އެހެންކަމުން، އެކަމަށް ބޮޑެތި ތައްޔާރީތަކެއް ވާންޖެހޭ ކަމަށްވެސް ޑރ، ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ވެކްސިން ގަތުމަށް ހަރަދުވާނެ ސީދާ އަގު މިހާތަނަށް އެނގިފައި ނުވާ ކަމަށާއި ނަމަވެސް ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން ވެސް ރާއްޖެއަށް އެހީވާނެ ކަމަށާއި ވެކްސިން ހޯދުމަށް ވޯލްޑް ބޭންކާއި އޭޑީބީއާއެކުވެސް ވާހަކަ ދައްކަމުން އަންނަކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑިސެމްބަރު މަހަށް ވެކްސިނެއް ލިބޭ ކަމަށް ގިނަ ބަޔަކު އުންމީދު ކުރަމުން އަންނަ އިރު، ކޮވިޑް ބަލިމަޑުކަމުގެ ކުރިން އޮތް ދިރިއުޅުމުގެ ހާލަތަށް ދެވޭނީ ކޮވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިން އެއް ލިބިގެން ކަމަށް ޑރ. ޝީނާ މޫސާވެސް ވަނީ ވިދާޅުވެފައެވެ.