ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 40،840 ފަތުރުވެރިން އަތުވެއްޖެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން 40،840 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ ކަމަށެވެ.

އެގޮތުން ފާއިތުވެ ދިޔަ 24 ގަނޑިއިރު އެކަނިވެސް 609 ފަތުރުވެރިން ރާއްޖެ އައިސްފައި ވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

40،840 ފަތުރުވެރިއަކު ވޭރުވެ ދިޔަ 3 މަސް ތެރޭ ރާއްޖެ އައިސްފައި ވާއިރު އެންމެ ގިނައިން ފަތުރުވެރިން އައީ ސެޕްޓެމްބަރު މަހެވެ. އެ މަހު އެކަނި ޖުމްލަ 9538 މީހަކު އަައިސްފައި ވެއެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިއާއިންނެވެ. އެގައުމުން 2065 ފަތުރުވެރިން އައިއިރު، ޔޫއޭއީ އިން 1029، ޔޫއެސް އިން 935 އަދި ޔޫކޭ އިން 625 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ސްޕޭނުން 466، ބްރެޒީލުން 444، ޖާމަނީން 362، ފްރާންސުން 279، އިންޑިއާއިން 262ގެ އިތުރުން އިޖިޕްޓުން 232 ފަތުރުވެރިން އައެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެިރން އައި ދުވަހެއް ކަމަށް ބެލެވުނީ 20 ވަނަ ދުވަހެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައި ދުވަހެއް ކަމަށް ބެލެވެނީ 16 ސެޕްޓެމްބަރެވެ. 20 ވަނަ ދުވަު 696 ފަތުރުވެރިން އައިސްފައިވާއިރު، 16 ވަނަ ދުވަހު އައީ އެންމެ 97 ފަތުރުވެރިންނެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލާފައި ވާއިރު، މިއަދުން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދަނީ ދެމުންނެވެ.