ރާއްޖެއިން ކޮވިޑް-19އާށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 11،000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 69 މީހަކާއެކު ޖުމްލަ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11،062 އަށް އަރާފައިވާ ކަމަށެވެ.

ޕޮޒިޓިވްވި ޖުމްލަ އަދަދު 11062 އަރާފައިވާއިރު، ކޮވިޑް ޖެހި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 9880 އަރާފައެވެ.

މި ބަލީގައި ރާއްޖެއިން 35 މީހަކު މިހާތަނަށް ނިޔަވެފައިވާއިރު، އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް ޖެހިގެން ނޫން ކަމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ނަމަވެސް ޕޮޒިޓިވްވި މީހުންގެ އަދަދު ދަނީ މައްޗަށެވެ. ކޮވިޑް ފެތުރުން މަދު ކުރެވިފައިވާއިރު، ރާއްޖެ ވަނީ އާ އާންމު ހާލަތަށް ނުވަތަ "ނިއު ނޯމަލް" އަށް ހުޅުވާލާފައެވެ. އެކާއެކު ވެއްޓިފައިވާ އިގްތިސޯދުގެ އަނދަވަޅުން އަރައިގަތުމަށް ސަރުކާރާ އަމިއްލަ ފަރަތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިދިޔަ ޖުލައި މަހުގެ 15 ގައި ރިސޯޓުތައް ހުޅުވާލި ނަމަވެސް އެންމެ ފާހަގަ ކޮށްލަން ޖެހެނީ އެޗްޕީއޭގެ އިރުޝާދާއެކު ފަތުރުވެރިކަމުގެ ދާއިރާއިން، ގެސްޓްހައުސްތައް މާދަމާ ހުޅުވާލާކަމެވެ.