ވޭތުވެދިޔަ 24 ގަޑިއިތު ތެރޭ ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ 69 މީހުން ކަމަށާއި ބަލިން ރަނގަޅުވެފައި ވަނީ 47 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު މި ބައްޔަށް ޕޮޒިޓިވްވި 69 މީހުންގެ ތެރޭގައި ހިމެނެނީ، 29 ދިވެހިންނާއި 40 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 63 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 6 މީހެކެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11،062 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު އިތުރު 47 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9880 އަށް އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 1140 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 61 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 367 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 35 މީހަކު ނިޔާވެފައެވެ.‏ އޭގެ ތެރެއިން 7 މީހަކު ނިޔާވެފައި ވަނީ ކޮވިޑް މަރުން ނޫން ކަމަށް ވަނީ ނިންމާފައެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 19 ރަށެއްގައެވެ. އަދި 19 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 14 ފަތުރުވެރިންނާއި 19 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވް ވެފައެވެ.