ދިޔަރެސް ނޫހުގެ ނޫސްވެރިއާ އަހްމަދު އަޒާނަށް އިންޒާރު ދިން މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވެސް ކަންބޮޑުވުން ފާލުކޮށްފިއެވެ.

މީޑިއާ ކައުންސިލުން ބުނީ، ރޭ 8:42 ހާއިރު އަޒާނަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް އަޒާން ވަނީ އެކަން އެ ކައުންސިލުގެ ސަމާލުކަމަށް ގެންގޮސްފައި ކަމަށެވެ. އަދި ފަހަކަށް އައިސް އޭނާއާށް ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން ވެސް މަރުގެ އިންޒާރާއި އެކިކަހަލަ ފުރައްސާރަ ކުރުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.

މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަން ނޫން ކަމަށާއި، މި ބާވަތުގެ ކަންކަމަށް އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމަށް މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ. އަދި އެއީ މީގެ ކުރިން ވެސް ދިވެހި ނޫސްވެރިންނާށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަށް ވެފައިވާތީ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ހަމައެއާއެކު، ވީހާވެސް އަވަހަކަށް ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެމްއެމްސީން ވަނީ ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.

އެމްއެމްސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.

އެ ޖަމްއިއްޔާއިން ބުނީ، ނޫސްވެރިންނަށް ބިރުދައްކާ، އިންޒާރުދީ، ފުރައްސާރަ ކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ، އެފަދަ އަމަލުތައް ހިންގާފައިވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި އިންސާފު ގާއިމް ކުރުން ލަސްވެގެން ދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ނޫސްވެރިންނަށް ދިމާވާ މިފަދަ ހުރިހާ މައްސަލައެއް، ވީ އެންމެ އަވަހަކަށް އެމްޖޭއޭއަށް ހުށަހެޅުމަށްވެސް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ނޫސްވެރިއާ އަޒާން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އޭނާ ބުނާ ގޮތުގައި، އޭނާއާއި، ނާހިލްއަށް ފުރައްސާރަ ކޮށްފައި ވަނީ އަލްހާން ފަހުމީ އާއި އޭނާގެ ރައްޓެއްސެކެވެ. މަގުމަތިން ފުރައްސާރަ ކުރުމުގެ އިތުރުން، އަލްހާން ދަނީ އޭނާގެ ފޮޓޯތައް އެޑިޓްކޮށް، ސޯޝަލް މީޑިއާގައި ފަތުރަމުން ކަމަށް ވެސް އަޒާން ބުނެފައިވެއެވެ.