ދިޔަރެސް އޮންލައިން ނޫހުގެ ދެ ނޫސްވެރިއަކަށް މަގުމަތިން ފުރައްސާރަކޮށް، ބިރުދެއްކި މައްސަލައެއް ބަލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.

މަގުމަތިން ފުރައްސާރަކޮށް، ބިރުދައްކާފައި ވަނީ ދިޔަރެސް އޮންލައިން ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން އަދި ނާހިލް އަހުމަދަށެވެ. އެމްޖޭއޭ އިން ވަނީ މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.

އެ ޖަމްއިއްޔާއިން ބުނީ، ނޫސްވެރިންނަށް ބިރުދައްކާ، އިންޒާރުދީ، ފުރައްސާރަ ކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ، އެފަދަ އަމަލުތައް ހިންގާފައިވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި އިންސާފު ގާއިމް ކުރުން ލަސްވެގެން ދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ނޫސްވެރިންނަށް ދިމާވާ މިފަދަ ހުރިހާ މައްސަލައެއް، ވީ އެންމެ އަވަހަކަށް އެމްޖޭއޭއަށް ހުށަހެޅުމަށްވެސް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްޖޭއޭއިން މިހެން ގޮވާލާފައި ވާއިރު، ނޫސްވެރިއާ އަޒާން ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އޭނާ ބުނާ ގޮތުގައި، އޭނާއާއި، ނާހިލްއަށް ފުރައްސާރަ ކޮށްފައި ވަނީ އަލްހާން ފަހުމީ އާއި އޭނާގެ ރައްޓެއްސެކެވެ. މަގުމަތިން ފުރައްސާރަ ކުރުމުގެ އިތުރުން، އަލްހާން ދަނީ އޭނާގެ ފޮޓޯތައް އެޑިޓްކޮށް، ސޯޝަލް މީޑިއާގައި ފަތުރަމުން ކަމަށް ވެސް އަޒާން ބުނެފައިވެއެވެ.