އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުން ހުރި 70،000 އަށް ވުރެ ގިނަ މެސެޖު މަޖިލީހަށް ލިބިފައިވާ ކަމަށާއި އެމެސެޖްތައް އާންމު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނުހައްގު މުއްސަދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރުން ދެއްކެވި ވާހަތަކާ ގުޅިގެންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އެމްއެމްޕީއާރްސީ ވައްކަމާ ބެހޭ އެންމެހާ ހެކި އެބަހުރި ކަމަށެވެ.

އަދި އެ ހެކިތަކުގެ ތެރެއިން 70،000 މެސެޖުން ކޮންމެ މެސެޖެއްގައި ރެޕަރެންސް ނަންބަރު ޖަހާފައި ލައިބްރޭރިއަން އަތުގައި ފައިލް ކޮށްފައި ހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، އެ މެސެޖުތަކަކީ އެމަނިކުފާނު އަތްޕުޅުގައި ހުރި އެއްޗެއްސަށް ވުމުން އެތަކެތި އާންމު ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅުން ހުރި މައްސަލަތައް ކަމާބެހޭ އިދާރާތަކުން ނުބެލި ލަސްވާކަމީ ނުހަނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. މި މެސެޖްތަކުގައި އެމްއެމްޕީއާރުސީގެ ފައިސާގެ މުއާމަތާތްތައް ބަދަލުކުރެވުނު ގޮތް ވަރަށް ސާފުކޮށް ހާމަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އޭސީސީ އަށާއި މަޖިލީހަށް އެ 70،000 ޓެކްސްޓް، (ފޯނުގެ އެސްއެމްއެސް) ހިއްސާ ކުރައްވައިފައި ވާނެ ކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސްގެ ފޯނާއި ކުރީގެ ނައިބު ރައީސްގެ ގާތް އެކިއެކި ބޭފުޅުންނަށް ކުރައްވާފައިވާ މެސެޖުތަކުގެ އިތުރުން އޭނާ އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންނެވި އިރުގައި އެތައް އެތައް ވާހަތަކެއް ކިޔައި ދެއްވައިފައި ހުރި ތަކެތި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

18 އަދި 19 ވަނަ ރައްޔިރުންމެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ސިފައިންނާއި ބައެއް ފުލުހުންގެ އިތުރުން ސިޔާސީ އެކިއެކި ފަރާތްތަކާއި، ބައެއް އާންމުން ހިމެނޭނެ ހެން ޖުމްލަ 335 ފަރާތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ނަފާ ލިބިފައި ވާކަމަށް ތަހުގީގު ރިޕޯޓުތަކުގައި ބުނެފައި ހުއްޓެވެ. ނަމަވެސް އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ސީދާގޮތުން ނަފާލިބުނު މީހުންގެ އަދަދު 267 އަށް އަރާ ކަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ މަޖިލީހުގެ 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމުތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ 7 އޮފިސަރަކު ހިމެނޭ ކަމަށެވެ.