ގއ. ކޮލަމާފުށިން 44 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކޮލްމާފުށީ ކައުންސިލުން ބުނީ މިއަދު ޕޮޒިޓިވްވި މީހާ އަކީ ކަރަންޓީންގެ މުައްދަތު، 14 ދުވަސް ހަމަ ކުރުމަށް ފަހު ނެގި ސާމްޕަލުން ޕޮޒިޓިވް ވި މީހެއް ކަމަށެވެ.

އެ މީހާއަކީ ބޭސް ފަރުވާއަށް މާލޭގައި އުޅުމަށް ފަހު ރަށަށް އެނބުރި ދިޔަ މީހެއް ކަމަށާއި އޭނާއާއެކު އޭނާ އެ ގޭގައި ކަރަންޓީންގައި އިތުރު 3 މީހަކު ތިބި ކަމަށެވެ. ނަމަވެސް އެ އެންމެންގެ ސާމަޕްލްވެސް ނެގެޓިވް ވެފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

އެ ރަށުން އަލަށް މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މިއަދު ޕޮޒިޓޮވްވި މީހާގެ އެއްވެސް ކޮންޓެކްޓެއް ފާހަގަ ވެފައި ނުވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،943 އަށް އަރާފައި ވާއިރު، ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9783 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 68 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބީ 389 މީހުންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މީހުން ދިރިއުޅޭ 21 ރަށެއްގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ ތިބި 151 މީހުން ތިބި ކަމަށެވެ. މީގެ އިތުރުން 20 ރިސޯޓެއްގައި ވެސް ބަލިޖެހިފައި ވާ މީހުން ތިބި އިރު މީގެ ތެރޭގައި 12 ފަތުރުވެރިންނާއި 19 ސްޓާފުން ހިމެނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.