ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޓެސްޓް ކުރެވުނު 1303 ސާމްޕަލްގެ ތެރެއިން އިތުރު 49 މީހަކު ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 41 މީހަކު ބަލިން ޝިފާލިބި ރަނގަޅު ވެފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 49 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 43 މީހުނާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 8 މީހަކު ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވް ވެފައި ވަނީ 33 ދިވެހިންނާއި 16 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވް ވި 49 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،943 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 41 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 9783 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 68 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 389 މީހުންނެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މީހުން ދިރިއުޅޭ 21 ރަށެއްގައި މިވަގުތު ކޮވިޑް-19 ޖެހިފައިވާ ތިބި 151 މީހުން ތިބި ކަމަށެވެ. މީގެ އިތުރުން 20 ރިސޯޓެއްގައި ވެސް ބަލިޖެހިފައި ވާ މީހުން ތިބި އިރު މީގެ ތެރޭގައި 12 ފަތުރުވެރިންނާއި 19 ސްޓާފުން ހިމެނެއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 35 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވް ވެފައި ވަނިކޮށް 7 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.