ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އިސްލާމް، ދިވެހި، އަދި ޤުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކަމާގުޅޭ ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި ބަހާއި ގުރުއާން އަދި އިސްލާމް ފަދަ މާއްދާތައް ކިޔަވައިދިނުމުގެ މުހިންމުކަމާ ދިވެހިންގެ އާދަކާދައާ ސަގާފަތަށް އެކުދިން އަހުލުވެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހާސިލުކުރުމަށް ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްދިނުމަށް އެ ބައްދަލުވުމުގައި ނައިބު ވަނީ އެދިލައްވާފައެވެ.

އެބައްދަލުވުމުގައި މިނިސްޓާ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއާއި، މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓާ އަހުމަދު ޒާހިރާއި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީއާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްޠަފާ ލުތުފީގެ އިތުރުން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

އެބައްދަލުކުރެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެ މާއްދާތައް ކިޔަވައިދިނުމުގެ މަސައްކަތް ފެށުމަށް އެ އިދާރާތަކުން ކުރަންޖެހޭ އިންތިޒާމުތައް ކުރިއަށް ގެންދާކަމުގައި ބުނެފައެވެ.