ކޮވިޑް-19ގެ ސަބަބުން، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖައްސައިއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކުރެއްވުމާ ގުޅިގެން ޖަލްސާގައި ދެއްވަމުން ގެންދަވާ ގައުމީ އިނާމު ދިނުން ވެސް ފަސްކޮށްފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތު، އާންމު ހާލަތަކަށް ބަދަލުވުމުން، ގައުމީ އިނާމު ދެއްވުމަށް ހާއްސަ ޖަލްސާއެއް ބާއްވަވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށާއި އެ ޖަލްސާ ބާއްވަވާނެ ތާރީހެއް ރައީސް އޮފީހުން ފަހުން އިއުލާން ކުރާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި ދެއްވަމުން ގެންދަވާ ގައުމީ އިނާމު، މިއަހަރު ދެއްވުން ފަސްކުރައްވައިފިއެވެ. މިގޮތަށް ނިންމެވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖެއްސެވުމާ ގުޅިގެންނެވެ.
ރައީސް އޮފީސް

ގައުމީ ދުވަހުގެ ޖަލްސާގެ އިތުރުން ކޮވިޑާއި ގުޅިގެން މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަވަމުން ގެންދާ ހަފްލާތައް ވެސް މިއަހަރު ބާއްވާފައެއް ނުވެއެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް، ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ހަތަރެއް ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ.

15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަހުރު ދިވެހީންނަށް ހާސިލްކޮށްދެއްވުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްހަތީބު ހުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްތާނުލް ގާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.