މި ހިނގާ އޮކްޓޫބަރުގެ ތެރޭގައި މާލޭގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންގެ ކިޔެވުން ފަށަން ނިންމައި ފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)ގެ ލަފާގެ މަތިން، މި މަހުގެ 19 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 8 ގެ ކިޔެވުން ފެށުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އަދި މި މަހުގެ 25 އިން ފެށިގެން މާލޭ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް 7 ގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށި ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު ވަނީ އަނެއްކާވެސް ސްކޫލުތައް ހުލުވާލާ ކިޔަވއިދޭން ފަށާފައެވެ.