އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފާނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްކާތެރިކަން ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ގައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށާއި ހުރިހާ ދިވެހިން މެރުމަށް ފަހު، އިންޑިޔާއިން ބޭނުން ވެއްޖެނަމަ، ރާއްޖެ ހިފިދާނެ ކަމުގައި ސަރުކާރުން ބުނުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް އެފެދައިން ވިދާޅުވެފައި ވަނީ އިންޑިޔާއިން ބޭނުންވެއްޖެ ނަމަ ހުރިހާ ދިވެހިން މަރާފައިވެސް ދިވެހިރާއްޖެ ހިފިދާނެ ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީތްގެ ސްކްރީން ޝޮޓެއް

ފައްޔާޒް ވިދާޅުވީ އިންޑިއާއަކީ މާ ބާރުގަދަ ގައުމެއް ކަމަށާއި އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުން ވެއްޖެ ނަމަ ދިވެހިން މަރާފައިވެސް އެ މީހުން އެކަން ކުރާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާނެ ކަމަށާއި އިންޑިއާއިން ވެސް އެކަހަލަ ކަމެއް ނުކުރާނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން އިންޑިއާ އެކަހެރި ކޮށްލައި ޗައިނާއަށް މާ ބޮޑަށް ބަރޯސާވެފައި ކަމަށާއި ޗައިނާއަކީވެސް ދުނިޔޭގައި އަރަމުން އަންނަ ވަރުގަދަ ބާރެއް ކަމަށާއި ހުރިހައި ގައުމަކުން ވެސް އެކި ދިމަ ދިމާއަށް ބާރު ފޯރުވަން ބޭނުންވާނެ ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ވާހަކަ ރާއްޖޭގައި ގަދަވެފައިވާ މި ދަނޑިވަޅަކީ، އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބި ވަގުތެކެވެ. އަދި އެކަމާ ދެކޮޅަށް ދެވެހިން ދަނީ އަޑު އުފުލަމުންނެވެ.