ދިވެހި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ، ނަފްސާނީ ބަލިތަކަކީ ވެސް އެހެނިހެން ޖިސްމާނީ ބަލިތަކެކޭ އެއް ފަދަ ބަލިތަކަކަށް ވެފައި، ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިސްނަގައިގެން ރޭ "ދަ ބިގް އިވެންޓް ފޯ މެންޓަލް ހެލްތް" ގެ ނަމުގައި ބޭއްވި ހާއްސަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަރަކާތަކީ، ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ރައީސް ސޯލިހް މި ހަރަކާތުގައި ވާހަކަފުޅު ދައްކަވާފައި ވަނީ ދިވެހި ބަހުންނެވެ.
ރައީސް ސޯލިހް ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ އަސަރު ކޮށްފައި ވާ މީހުންނަށް، އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމައުގެ ހުރިހައި ފަރުދުންގެ އަޅައިލުމާއި އެހީތެރިކަން ލިބިގެން ކަމަށެވެ. އަދި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމާއި، އެފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިލާން ޖެހޭ އެކަނިވެރިކަމާއި ބާކީ ވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމައުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުން ވާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭ މިންވަރަށް އަލިއަޅުއްވައިލައްވާ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
ކޮވިޑް-19ގެ ހާލަތަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރި ވާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އެގޮތުން މި ބަލިމަޑުކަމާއި ގުޅިގެން ސައިކޯ-ސޯޝަލް ސަޕޯޓްގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ހަރަކާތްތެރި ވާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ "ސީރިއަސް" ބަލިތަކެއް ކަމުގައި ވިދާޅުވެ، އެ ފަދަ ބަލިތަކުގެ އަސަރު ކޮށްފައިވާ މީހުންނަށް މުޖުތަމައުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުން ވާނެކަން ހަނދާން ކޮށްދެމުންނެވެ. އަދި، މިފަދަ ބަލިތައް ތަހައްމުލު ކުރަމުންދާ މީހުންނަށް ބޭނުންވާ ފަރުވާގެ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.