ހދ. ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅިގެން ށ. ފޯކައިދޫން އިން ވެސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާއާ ގުޅުންހުރި 10 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މީގެ ތެރޭގައި ހއ. ދިއްދޫއިން ޕޮޒިޓިވްވި 4 މީހަކާއި ށ. ފޯކައިދޫއިން ޕޮޒިޓިވްވި މީހެއް ހިމެނެއެވެ.

ކުޅުދުއްފުށީ ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަލާމަތްތައް ފެންނަ މީހުން ޓެސްޓް ކުރަމުންދާ ކަމަށްވެސް އެޗްއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.

މިކްލަސްޓާއިން ޕޮޒިޓިވް ވެފައިވާ ފުލުހުންނަކީ މާލެއިންނާއި ބައެއް ރަށްރަށުގެ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަޜޭޝަނެއްގައި ބައިވެރިވި ބައެއް ފުލުހުންތަކެކެވެ.

އެ ޕޮޒިޓިވް ކޭސްއާ ގުޅިގެން އުތުރުގެ 3 އަތޮޅަކުން 6 ރަަށެއް މޮނިޓަރިންއަށް ލިއެވެ. އޭގެ ތެރޭގައި ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ ހިމެނެއެވެ. ނަމަވެސް މިހާރު އެ ރަށްތައް ވަނީ މޮނިޓަރި އިން ނަގާފައެވެ.