ކޮވިޑް-19ގެ ސަބަބުން، ނަފްސާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ މުހިންމުކަން އެނގިގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހިމް ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ އާންމު ސިއްހަތު ދެމެހެއްޓުމަށްޓަކައި، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ މަގު ފަހިވެފައި ވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން މިއަދު ފާހަގަ ކުރަމުންދާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހު، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރައްވާ، ކުރިއަރުއްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ. މިއަހަރުގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަ ކުރަމުން މިދަނީ، ގޮތްނޭނގޭ ބަލިމަޑުކަމެއްގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރުތަކެއް ފޯރާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މި ބަލިމަޑުކަމުގައި އެތައް ހާސް ބަޔަކަށް ނަފްސާނީ ގޮތުން ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރުވެސް، މި ބަލިމަޑުކަމުގެ ތެރޭގައި، ނަފްސާނީ ބަލިތައް ވަނީ ތިން ގުނައަށް އިތުރުވެގެން ގޮސްފައެވެ. ހަމައެއާއެކު، ރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ހުންނަނީ އެންމެ 5 އެނދެވެ.