ރައްޔިތުންނާއި ތަކެއްޗަށް ބޮޑު ގެއްލުން ނުލިބެނީސް ހުރަވީ ބިލްޑިން ހުސްކޮށް، ތަޅާލުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރަވީ ބިލްޑިން ހުރީ ވޭތުވެދިޔަ ދެ އަހަރު އެއްވެސް މަރާމާތެއް ނުކުރާތީ "ބޮލަށް ވެއްޓޭ" ހާލަތުގައި ކަމަށެވެ.

ރައްޔިތުންނާއި ތަކެއްޗަށް ބޮޑު ގެއްލުމެއް ނުލިބެނީސް ރަނގަޅު ފެންވަރުގެ އިމާރާތެއް ކުރުން ނޫނީ މުޅި އިމާރާތް ހުސްކޮށްފައި ތަޅާލުމަށް ގޮވާލަން
ޑރ. މުހައްމަދު މުއިއްޒު

ޑރ. މުއިއްޒު އެހެން ވިދާޅުވެފައި ވަނީ ހުރަވީ ބިލްޑިންގގައި ހުރި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން ގެ އޮފީހުގެ ފްލޯގެ ސީލިން ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ރިޓްވީޓް ކުރައްވަމުންނެވެ.

އެ އިމާރާާތް ބާވެ ވީރާނާވާން ފެށުމާ ގުޅިގެން އެ އިމާރާތް ހުސް ކުރުމުގެ މަސައްކަތް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ ފަށާފައެވެ. އަދި އެ އިމާރާތުގައި ހިނގަމުން ދިޔަ ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަން ބޭނުންވާ އިމާރާތް ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

ހުރަވީ ބިލްޑިންއަކީ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އިމާރާތެކެވެ. އެތަނުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އާއި އިމިގްރޭޝަނުގެ ބައެއްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޑިޕާޓްމެންޓުތައް ދިޔައީ ހިންގަމުންނެވެ.