މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތައް، ޝަރުއީ މަރުހަލާގައި ބަންދުކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތައް ސަލާމަތް ވެގެން ދިޔުމަކީ މުޖުމަތަމައަށް އޮތް ވަރަށް ބޮޑު ބިރެއް ކަމަށާއި އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ޝަރުއީ މަރުހަލާގައި، ސަލާމަތް ވެގެން ދިޔުމަށް ހުރި މަގުތައް ބަންދު ކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނީ ވިޔަފާރި ވެރިންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި އަދި ސިޔާސީ ޕާޓީތަކާއި، އޭގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތައް ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށްވެސް މިނިސްޓަރު އިމްރާން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މިނިސްތަރު އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އައުމުގެ ކުރިން ނައްތާލެވިފައި ވަނީ 32 ކިލޯގެ މަސްތުވާތަކެތި ކަމަށާއި، ނަމަވެސް މިސަރުކާރުން އެކަނިވެސް މިހާތަނަށް އެއް ޓަނަށް ވުރެ ގިނަ މަސްތުވާތަކެތި ނައްތާލާފައި ވާކަމަށެވެ.
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން މިއަހަރުގެ ޖޫން މަހާ ހަމައަށް ނައްތާ ނުލެވި ހުރި 324 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ދޫނިދޫގައި ބޭއްވި ހަރަކާތުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމަދު ހަމީދާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދޫނިދޫގައި މަސްތުވާތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.