ދިވެހި ސަރުކާރުން އިންޑިއާއިން ނަގާފައިވާ ލޯނުތައް ނަގާފައި ވަނީ ދެފުށް ފެންނަ ގޮތަކަށް ކަމުގައި ވާތީ އެއީ ދަރަނީގެ ދަނތުރައެެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ އިންޑިއާގެ ދަރަނި، ދަންތުރައަކަށް ނުވާ ސަބަބާއި ޗައިނާގެ ލޯނު ދަންތުރައަކަށް ވަނީ ކީއްވެގެން ކަމަށް ވިދާޅުވެދެއްވައިފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ "ދަރަނީގެ ދަންތުރަ" އަކަށް ވަނީ ނަގާ ދަރަންޏާއި އުފައްދާ ހަރުމުދަލާ އެއްވަރު ނުވުމުން ކަމަށާއި ނަގާ ދަރަނިން އެފައިސާ ދެއްކޭނެ އިގްތިސާދީ ހަރަކާތް ނުހިންގޭ ނަމަ އެއީ ދަރަނީގެ ދަންތުރައެއް ކަމަށެވެ.

އަޅުގަނޑުމެން ލޯނަކަށް ނުވަތަ މަސައްކަތަކަށް އެއްބަސްވަނީ، ދެން އައިސް ބަޔަކު މީހުން އެ މަސައްކަތް ކުރަނީ، އަޅުގަނޑުމެނަށް ލިބެނީ ބިލެއް، ދަރަނީގެ ދަންތުރުއަކަށް ވެގެން މިދަނީ އަޅުގަނޑުމެން ދަރަންޏަށް ނަގާ ފައިސާއިން އުފައްދާ ހަރުމުދާ އެ ދަރަންޏާ އެއްވަރުނުވީމަ
ނަޝީދު

އިންޑިއާ ލޯނާއި ޗައިނާ ލޯނުގައި ހުރި އެންމެ ބޮޑު އެއް ތަފާތަކީ އިންޑިއާގެ ލޯނުތައް ނަގާއިރު ދެފުށް ފެންނަ ގޮތަކަށް ޓެންޑަރުގެ މަސައްކަތް ކޮށްފައި ހުރުން ކަމަށެވެ.

އިންޑިއާގެ ލޯނުތައް އަންނަނީ، ޓެންޑާ މި ކުރެވެނީ ރާއްޖޭގެ ޓެންޑާ ބޯޑުން. އެބޭފުޅުން ޝޯޓްލިސްޓު ކޮށްފައި، ކުންފުނިތައް ބަހައްޓާ ދިވެހިރާއްޖޭގެ މިނިސްޓްރީ ތަކުގައި ވެސް އެކި ބާވަތުގެ ޓެންޑަރުތަކަށް ކުރިމަތިލެވޭނީ އެކި ގްރޭޑުތަކުގެ ކުންފުނި. އެހެންވީމަ ބައިނަލްއަގުވާމީ ކުންފުނިތަކަށް ކުރިމަތިލެވޭ ކުންފުނިތައް އެއްކޮށް. އެއީ ދިވެހި ކުންފުންޏާ އިންޑީއާ ކުންފުންޏާ އެކީގައި ރެކަމެންޑްކޮށްފައިވާ ލިސްޓެއްގައި، ހުޅުވާލެވިފައިވާ ޓެންޑަރެއްގައި މި މަސައްކަތް މި ހިނގަނީ. އެހެންވީމަ ދެފުށް ފެންނަ ގޮތަށް މިކަން މިވަނީ
ނަޝީދު

ރައީސް ނަޝީދު އެ މޭރުމުން ވާހަކަ ދައްކަވާފައި ވާއިރު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރާފައި ވާކަމަށް ވިދާޅުވެ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ޗައިނާއަށް ފާޑު ކިޔާފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ފޯރުކޮށް ދޭ ލޯނު އެހީ އަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ދެކެވަޑައި ނުގަންނަވާ ކަމަށާ އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް ރައީސް ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 750 މިލިއަން ޑޮލަރުގެ މާލީ ޕެކޭޖެއް ލޯނުގެ ގޮތުގައި ދީފައެވެ. އޭގެ ތެރޭގައި މާލެ-ތިލަފުށި ބްރިޖު އަޅަން 500 މިލިއަން ޑޮލަރާއި، ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އާކޮށްދިނުމުގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން އިންޑިއާ އިން ވަނީ ހާމަކޮށްފައެވެ.