ހުޅުމާލޭގައި ހުންނަ ފިޔަވަތި ސެންޓަރުން ކޮވިޑް ކޭސްތަކެއް ފެނިފައިވާ ކަމަށާއި މިހާތަނަށް 13 ކޭސްއެއް ފެނިފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާލުވެއްޖެއެވެ،

އެންމެ ފުރަތަމަ ކޭސްއެއް ފެނިފައި ވަނީ މި ދިޔަ މަހުގެ 30 ގައި ކަަމަށާއި އެއީ އެތަނުގައި ކުޑަކުދިން ބަލަން މަސައްކަތް ކުރާ މީހެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ. އޭނާ ކޮވިޑަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމްތަތަކެއް ފެނިގެން ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

މި ޕޮޒިޓިވް ކޭސްއާ ގުޅިގެން 54 ކޮންޓެކްޓެއް ދެނެގަނެވި ކަރަންޓީން ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 19 ސާމްޕަލްއެއް ނެގިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެ ސާމްޕަލް ތަކުގެ ތެރެއިން މި މަހުގެ 4 ވަނަ ދުވަހު އެތަނުގައި ކުދިން ބަލާ މީހަކާއި އެއް ކުޑަކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މި މަހުގެ 5 ވަނަ ދުވަހު ރެންޑަމް ސާމްޕަލްތަކެއް ނެގި ކަމަށާއި ކަރަންޓީންގައި ތިބި ކުދިންގެ ވެސް ސާމްޕަލް ނަގާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ކަރަންޓީންގައި ތިބި ކުދިންގެ ތެރެއިން އިއްޔެ 7 ކުއްޖަކާއި ކުދިން ބަލާ 3 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މިއަދު އިތުރު ކުދިން ބަލާ އެކަކު ޕޮޒިޓިވްވެފައި ވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.