ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 35 މީހަކު ދެނެގަނެވިފައިވާ ކަމަށާއި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 81 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 35 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 32 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހުން ކަމަށެވެ. އެގޮތުން މިއަދު ޕޮޒިޓިވްވެފައި ވަނީ 30 ދިވެހިންނާއި 5 ބިދޭސީންނެވެ.

މިއަދު ޕޮޒިޓިވްވި 35 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،656 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 81 މީހުންނާއެކު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 9547 އަށް އަރާފައެވެ.

މިހާރު ހޮސްޕިޓަލުގައި 63 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސީޔޫގައި 2 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 387 މީހުންނެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 34 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައި ވާއިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.