ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިކަމުން މި ގައުމު ސަލާމަތް ކޮށްދެއްވާ ރައްޔިތުންނަށް ހެޔޮގޮތް ހޯދައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު މިއަދު މުލިއާގޭގައި ބައްދަލު ކުރައްވުމަށްފަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ދާނީ ކުރިއަށް ކަމަށާއި ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަނެ ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައި ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިން މަސް ދުވަހަށްފަހު ދެ ބޭފުޅުން ބައްދަލު ކުރައްވާފައިވާ އިރު، އެ ބައްދަލުވުމަށް ފަހު ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރައްވި ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސް އެކީގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް ދާނީ ރަނގަޅު މިސްރާބަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަޖިލިސްއާ އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާ އިރު މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަކީ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، އެ ދެބޭފުޅުންގެ ދެމެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަަމަށް ބުނެ މީގެ ދުވަސްތަކެއް ކުރިން ވަނީ އަޑުތައް ފެތުރިފައެވެ.

މި އަޑުތައް ފެތުރިފައި ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައީސް ނަޝީދު ހުށަހަޅުއްވަން މަސައްކަތް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައި ފައްޔާޒުގެ ދިފާއުގައި ރައީސް ސޯލިހް ވާހަކަފުޅު ދެއްކެވުމާ ގުޅިގެންނެވެ. އެގޮތުން ފައްޔާޒަށް އިތުބާރު އޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.