ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލު ވުމަށް ފަހު ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ކަންތައްތަކާ މެދު މަޝްވަރާ ކުރައްވި ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާއި އިގްތިސޯދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސް އެކީގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް ދާނީ ރަނގަޅު މިސްރާބަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައެވެ. އެންމެ ފަހުން އެ ދެބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ ޖޫން މަހުގެ 4 ވަނަ ދުވަހެވެ.

އެ ދެބޭފުޅުން މިއަދު ބައްދަލު ކުރައްވާފައި ވާއިރު، އެ ދެބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަަމަށް ބުނެ މީގެ ދުވަސްތަކެއް ކުރިން ވަނީ އަޑު ފެތުރިފައެވެ.

އެގޮތުން ރައީސް ނަޝީދު އިސްވެ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ވަކިކުރުމަށް މަޖިލިހަށް، އިތުބާރު ނެތް ކަމުގެ މައްސަލައެއް ވައްދަން މަސައްކަތް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައި ރައީސް ސޯލިހް، ފައްޔާޒުގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައި ވާ ކަމާއި ފައްޔާޒަށް އިތުބާރު އޮތް ކަމަށްވެސް ރައީސް ސޯލިހް އޭރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަކީ ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވެފައެވެ.