މިހާރު ކޮވިޑް އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1114 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އިއުލާން ކުރި ތަފާސް ހިސާބުތަކުގައި ދައްކާ ގޮތުގައި ޖުމްލަ އެކްޓިވް ކޭސްގެ ތެރޭގައި ހިމެނޭ 1114 މީހުންގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި ރަށްރަށުގައި ތިބީ ޖުމްލަ 124 މީހުން އަދި ރިސޯޓުތަކުގައި ތިބީ 25 މީހުންނެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 124 ކޭސް ތިބީ މިހާރު މީހުން ދިރިއުޅޭ 22 ރަށެއްގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި އެއީ 59 ދިވެހިންނާއި 65 ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ރަށްރަށަކީ ހއ އަތޮޅުން ހޯރަފުށީ ދިއްދޫ އާއި ކެލާ، ހދ. ކުޅުދުއްފުއްތާއި ކުރިނބި، ރ. އަތޮޅުން އުނގޫފާރު ބ. އަތޮޅުން އޭދަފުއްތާއި ދަރަވަންދޫ، ކ. އަތޮޅުން ދިއްފުއްޓާއި ގުރައިދޫ، އއ. އަތޮޅުން ތޮއްޑޫ، އދ. މާމިގިލިއާއި ކުނބުރުދޫ، ފ. އަތޮޅުން ނިލަންދޫ، ދތ. އަތޮޅުން ވޭމަންޑޫ އާއި މަޑިފުށި، ގއ. ވިލިގިލި އާއި މާމެންދޫ، ގދ. އަތޮޅުން ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އެވެ.

ރަށްރަށުންގައި ތިބި އެކްޓިވް ކޭސްގެ އަދަދު 124 އަށް އަރާއިރު، ރިސޯޓުތަކުގައިތިބީ 25 އެކްޓިވް ކޭސްއެވެ. ރިސޯތްތަކުގައި ތިބި ކޭސްތަކުގެ ތެރޭގައި ހިމެނެނީ 10 ޓުއަރިސްޓަކާއި 15 ސްޓާފުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން މާލެ ސަރަހައުދުގައި މިހާރު ތިބި އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 965 އެވެ. އެއީ މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،621 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9466 އަށް އަރާފައެވެ.