ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ޑިފެންސް މިނިސްޓްރީން އުޒުރުވެރިވެ، އަދި އެ ސިފައިންގެ އަދަދު ހާމަ ކުރުމަކީ އިންޑިއާއާއި ރާއްޖެއާ ދެމެދުގައި އޮތް ގުޅުމަށް ހީނަރުކަމެއް އައިސްދާނެ ކަމެއް ކަމަށް ބުނުމުންނެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ނުކުރެވުމަކީ ރާއްޖޭގެ ވެރިކަމުގައި ތިބި ބައެއްގެ ނުކުޅެދުންތެރި ކަމުން ގައުމު އަޅުވެތި ވެފައި ވާ މިންވަރު ކަމަށެވެ. އަދި މިއީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގައި ޝިޔާމް ސިފަ ކުރެއްވިއެވެ. އަދި އެކަމަކީ ހާމަ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިނގެ އަދަދު ހާމަކޮށްފިނަމަ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނީ، އޮންލައިން ނޫހަކުން ސިފައިންގެ އަދަދު ހާމަ ކުރުމަށް ސުވާލު ހުށަހެޅުމުން އެ މައުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ހުށަހެޅި މައްސަލައިގައި އެ އޮފީހުގައި ބޭއްވި އަޑުއެހުމެއްގައެވެ.
އެ އަޑުއެހުމުގައި ސިފައިންގެ އަދަދު ހާމަ ނުކުރެވޭ ސަބަބު ޑިފެންސް މިނިސްޓްރީން ސާފުކޮށް ނުދެވޭތީ އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ އެ މައުލޫމާތު ހިއްސާ ކުރުމަށް ޑިފެންސް މިނިސްޓްރީން ވަޑައިގެން ހުންނެވި ބޭފުޅަކީ އެ މައްސަަލއިގައި ޖަވާބު ދާރީ ވެވޭނެ ބޭފުޅެއްގެ ގޮތުގައި ނުފެންނަ ކަމަށާއި ދެން ބޭއްވޭ އަޑުއެހުމުގައި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މިހާރު 200 އަށް އަރާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. ދާދި ފަހުން ޑޯނިއާ މަތިންދާ ބޯޓެއް ރާއްޖެ ގެނައި އިރުވެސް އިންޑިއާގެ ސިފައިންތަކެއް އައިސްފައިވާ ކަން ހާމަ ކުރައްވާ އުމަރު މިހެން ވިދާޅުވެ، ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ތިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފަޅުކުރަމުންނެވެ. އެގޮތުން ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމަށާއި، އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ އެމީހުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ. އަދި މިހާރުވެސް ރާއްޖޭގައި 2 ހެލިކޮޕްޓަރެއް ބެލެހެއްޓުމުގެ ނަމުގައި އިންޑިއާ ސިފައިންގެ 26 މީހަކު ތިބި ކަމަށާއި އެމީހުން ރާއްޖެއަށް ހެލިކޮޕްޓަރު ދިނީ، ހެލިކޮޕްޓަރު ދުއްވަން ދިވެހިން ތަމްރީނު ކުރުމަށް ފަހު ދިވެހިންނާ އެތަކެތި ހަކާލު ކުރަން ކަމަށާއި ނަމަވެސް އެކަން ނުކުރާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.