އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، މި ސަރުކާރުން ރައްޔިތުންގެ ހައްގު ހޯދައިދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ، 2015 މޭޑޭގައި އެތައް ބައިވަރު ރައްޔިތުންނާއެކު މަގުމައްޗަށް ނިކުމެ ދެއްކެވީ ރައްޔިތުންގެ މުއްސަދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަ ވާހަކަ ކަމަށެވެ. އަދި މިއަދު އެކަމުގައި ޝާމިލުވި ފަރާތްތަކުގެ އިއުތިރާފާއެކު ޝަރީއަތަށް އެކަންކަން ސާބިތި ވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، އެދުވަހުގެ ހާލަތާ މިއަދުގެ ހާލަތު ވަޒަން ކޮށްލީމައި ﷲގެ ކުޅަދުންވަންތަކަން ހިތްޕުޅަށް އަރާ ކަމަށެވެ. އަދި އޭރުވެސް ދެންނެވި ފަދައިން އެއްވެސް މީހަކަށް އަނިޔާވެރި ނުވެ، މި ސަރުކާރުން ރައްޔިތުންގެ ހައްގު ހޯދައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ހުކުމް ކުރުމާ ގުޅިގެންނެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރޭގައެވެ. އަދީބަށް ރޭ އިއްވި ހުކުމާއެކު، ކުރި ޖޫރިމަނާ ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭނެއެވެ.
އަދީބުގެ މައްޗަށް ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ 2 ދައުވާ ކުރީ އޭނާ ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓް ތަކަށް ޖަމާކޮށް، އެ ފައިސާ އަށް ހިޔާނާތްތެރި ވެފައި ވާތީއެވެ.
މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދީބަށް ކުރީ ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށް، ބަޔަކަށް ނުހައްގު ފައިދާތަކެއް ހޯދައި ދީފައި ވާތީއެވެ.
މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބެން ޖެހޭ 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެނގި ހުރެ އަދީބުގެ ބެލުމުގެ ދަށުގައި އެ ފައިސާ ބަހައްޓައި، އެ ފައިސާތައް ބޭނުން ކޮށްފައި ވާތީއެވެ.