އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވެ އޭނާގެ މައްޗަށް އިއްވި އެއްވެސް މީހެއްގެ ހައްގަަކަށް އަރައިގަނެގެން ކުރިއެރުން ނުލިބޭނެކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ރޭ އަދީބަށް ކުރި ހުކުމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު ކުރި ކުށަށް ބަލާއިރު ހުކުމަކީ އިންސާފަށް ލިބުނު ކުރިއެރުމެއް ނޫން ކަމަށާއި އެ ހުކުމާއި މެދު އުފާ ނުކުރައްވާ ކަމަށެވެ.

އަދި އެކަމުން ސާބިތުވީ މީހެއްގެ އިއްޒަތާއި ހައްގަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން ކަމަށާއި މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެކަމަށެވެ. ތަގްދީރުގެ ނިޔާ މާ މޮޅުވާނެކަން ގަބޫލްކުރަންވާނެ ކަމަށާއި ލިބުނު ނަތީޖާއި އިބުރަތް ހާސިލް ކުރެއްވުމަށްވެސް ޖަމީލު ވަނީ އެދިވަޑައިގެންފައެވެ.

ކުށަށް ބަލާއިރު ހުކުމަކީ އިންސާފަށް ލިބުނު ކުރިއެރުމެއް ނޫން. އުފަލެއް ނުވޭ. މިއީ އިބްރަތެއް: ގޯހަކުން ލިބޭނެ މޮޅެއް، އިއްޒަތެއް އަދި ހައްގަކަށް އަރައިގަނެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން. މީހުން ފްރޭމްކޮށްގެން ކުރި ނުލިބޭނެކަން، ތަގަދީރުގެ ނިޔާ މާ މޮޅުވާނެކަން ގަބޫލްކުރަންވާނެ
ޑރ.މުހައްމަދު ޖަމީލު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހަތް ދައުވާއަށް، 20 އަހަރަށް ޖަލަށްލައި، 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރޭގައެވެ. އަދީބަށް ރޭ އިއްވި ހުކުމާއެކު، ކުރި ޖޫރިމަނާ ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ދައްކަން ޖެހޭނެއެވެ.

އަދީބުގެ މައްޗަށް ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ 2 ދައުވާ ކުރީ އޭނާ ނައިބު ރައީސް ކަމާއި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަދީބު އެންގެވި ފަރާތްތަކެއްގެ އެކައުންޓް ތަކަށް ޖަމާކޮށް، އެ ފައިސާ އަށް ޚިޔާނާތްތެރި ވެފައި ވާތީއެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އަދީބަށް ކުރީ ބިޑް ކުރުމެއް ނެތި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށް، ބަޔަކަށް ނުހައްގު ފައިދާތަކެއް ހޯދައި ދީފައި ވާތީއެވެ.

މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބެން ޖެހޭ 59 މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އެނގި ހުރެ އަދީބުގެ ބެލުމުގެ ދަށުގައި އެ ފައިސާ ބަހައްޓައި، އެ ފައިސާތައް ބޭނުން ކޮށްފައި ވާތީއެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރު ހިޔާނާތާ ގުޅިގެން އަދީބަށް މީގެ ކުރިން ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވެއެވެ. ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުން އެ ހުކުމްތައް ބާތިލުކޮށް އޭނާ ހުރީ މިނިވަން ކޮށްފައެވެ.