10 މަސްދުވަސް ފާއިތުވެ ދިޔައިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ 70 ޕަސެންޓް ކޭސް ހިއްސާކުރަނީ އެންމެ 10 ގައުމަކުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑައިރެކްޓާ ޖެނެރަލް، ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ހާމަ ކުރައްވައިފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތު މުރާޖައާ ކުރުމަށް، ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިއަށް ގެންދިޔަ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމަށް އެކި ގައުމުތަކުން އިޖާބަ ދިނީ އެކި ގޮތަށް ކަމަށާ، އެކި ގައުމުތަކަށް ބަލިމަޑުކަމުގެ އަސަރު ފޯރީވެސް އެކި ގޮތަށް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް/ފޮޓޯ: ހެލްތް ޕޮލިސީ ވޮޗް

ޑަބްލިއުއެޗްއޯގެ އެގްޒެކެޓީވް ބޯޑުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ޓެޑްރޯޒް ވަނީ މި ބަލިމަޑުކަމުގައި ގައުމުތަކަށް ކުރިމަތިވާ 4 ހާލަތެއް ސިފަކޮށްދެއްވާފައެވެ. އެގޮތުން، ބަލިމަޑުކަން ފެށުމާއެކު ބައެއް ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅާ، ރަށު ތެރޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރަނަ ނުދީ ކޮންޓްރޯލް ކުރި ކަމަށާ، އަނެއް ބައި ގައުމުތަކުން ހަރުކަށި ފިޔަވަޅުތަކެއް ނާޅާ އޮއްވާ ބަލިމަޑުކަން ފެތުރުމުން، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކޮށްގެން ކޮންޓްރޯލް ހޯދިކަން ޑރ ޓެޑްރޯޒް ފާހަގަކުރެއްވިއެވެ. 3 ވަނަ ހާލަތަކީ ބަލިމަޑުކަން ކޮންޓްރޯލް ވުމުން އިޖުތިމާއީ އަދި އިގުތިސޯދީ ލުއިތަކެއް ދިނުން ކަމަށާ، އެއާއެކު އަނެއްކާވެސް ކޭސް ނަމްބަރު އިތުރުވާން ފެށުން ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ. 4 ވަނަ ހާލަތަކީ، އެކެއްގެ ހަށިގަނޑުން އަނެކެއްގެ ހަށިގަނޑަށް ހަލުވިކަމާއެކު އަދިވެސް ވައިރަސް ފެތުރެމުންދާ ހާލަތު ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ޑރ ޓެޑްރޯވް ވިދާޅުވީ، މިއިން ކޮންމެ ހާލަތަކީވެސް ބަދަލު ކުރެވިދާނެ ހާލަތެއް ކަމަށެވެ. މިކަމަށް ބޭނުންވަނީ ވަރުގަދަ ލީޑާޝިޕަކާ، ބިނާކުރަނިވި އިސްތިރާޖުތަކެއްގެ އިތުރުން، އެކަށީގެންވާ ގޮތެއްގައި މުއާމަލާތު ކުރެވި، އާބާދީގެ ބައިވެރިވުން ޝާމިލު ކުރުން ކަމަށްވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ޑަބްލިއުއެޗްއޯއިން އެންމެ ފަހުން އެކުލާފައިވާ އަންދާޒާ އަދަދުތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް މިހާރު ކޮވިޑް-19 ޖެހިފައިވުންވެސް އެކަށީގެންވެއެވެ. އަދަދުތަކުން ބަލާނަމަ އެއީ ގާތްގަނޑަކަށް 800 މިލިއަން ކޭހެވެ. ނަމަވެސް ކޮވިޑް-19 ޖެހުނު ކަން ކަށަވަރުވި ކަމަށް ރެކޯޑް ކޮށްފައިވަނީ 35 މިލިއަން ކޭހެވެ.