7.59 ބިލިއަން މީހުންގެ އާބާދީއެއް އޮތް މި ދުނިޔޭގައި، ކޮންމެ 10 މީހަކުން 1 އަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިފައި ވުން އެކަށީގެން ވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޑަބްލިއުއެޗްއޯގެ އިސްވެރިންގެ ބައްދަލުވުމެއްގައި، އެ އިދާރާގެ އިސް އޮފިޝަލަކު ވަނީ، ދުނިޔޭގެ އާބާދީގެ ބޮޑުބައެއް އަދިވެސް އޮތީ ނުރައްކަލުގެ ތެރޭގައި ކަމަށް އިންޒާރު ކުރައްވާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ކޮވިޑް-19ގެ ކޭސްތައް ރިޕޯޓް ކުރަން ފެށި ފަހުން އަދާ ހަމައަށް އައިއިރު، މި ބަލި ޖެހުނުކަން ކަށަވަރުވި މީހުންގެ އަދަދު އުޅެނީ 35 މިލިއަނުގައެވެ. ނަމަވެސް ޑަބްލިއުއެޗްއޯގެ އަންދާޒާއަށް ބަލާއިރު، ހަގީގީ އަދަދު، 800 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަސްލު އަދަދުތަކަކީ، ކަށަވަރުވެފައިވާ ކޭސްތަކަށްވުރެ އިތުރު ވާނެ އަދަދުތަކެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި 10 މަހެއްހާ ދުވަސް ފާއިތުވީ އިރުވެސް، މި ބައްޔަށް ނިމުން އައިސްދާނެ ކަމުގެ އަލި މަގެއް އަދިވެސް ފެނިފައެއް ނުވެއެވެ. ފުރަތަމަ ރާޅާއެކު ތަންޒީފު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއެކު 2 ވަނަ ރާޅު ބިންދާލާފައި ވާއިރު، މި ބަލިން ދިފާއުވާނެ ވެކްސިނެއްވެސް އަދި ހޯދިފައެއް ނުވެއެވެ.
ދުނިޔޭގެ އާބާދީގެ 10 ޕަސެންޓް މީހުންނަށް މިހާރު ކޮވިޑް-19 ޖެހިފައި ވުން އެކަށީގެންވާ ކަމަށް ވިދާޅުވީ، (ޑަބްލިއުއެޗްއޯ) ގެ ސިއްހީ ކުއްލި ނުރައްކާތަކާ ބެހޭ އެގެޒެކެޓިވް ޑައިރެކްޓާ ޑރ މައިކް ރާޔަންއެވެ.
ދުނިޔޭގެ އާބާދީގެ ބޮޑު ބައެއް އަދިވެސް އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަން ފާހަގަކުރައްވަމުން ޑރ ރާޔަން ވިދާޅުވީ، ބަލިމަޑުކަން ބަދަލު ވަމުން އަންނަ ކަމަށެވެ. ނަމަވެސް، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވައިރަސް ފެތުރިގެންދާ ދިއުން ކޮންޓްރޯލް ކޮށް، ފުރާނަތަކެއް ސަލާމަތް ކުރުމަށް ބެނުންވާ އާލާތްތައް މިއަދު ހޯދިފައި ވާ ކަމަށްވެސް ޑރ ރާޔަން ވަނީ ފާހަގަކުރައްވާފައެވެ.