އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް ގެނައި އިންޑިއާ މީހުންގެ ތެރެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 56 އަށް އަރައިފިއެވެ.
ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ވިދާޅުވީ، އައްޑޫން މިހާތަނަށް ނެގީ ޖުމްލަ 377 ސާމްޕަލް ކަމަށާއި އޭގެތެރެއިން 56 މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި 85 ސާމްޕަލް ނެގެޓިވް ކަމަށާއި 74 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ސާމްޕަލްތަކުގެ ނަތީޖާ ލިބުނު އިރު އިއްޔެ އިތުރު ދެމީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް އެނާ ވިދާޅުވިއެވެ.
އައްޑޫގައި ހަދާ ޕޮލިސް ޓްރޭނިން ސްކޫލުގެ މަސައްކަތަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ 128 މީހަކު އައިސްފައި ވެއެވެ. އަދި އެމީހުން އައި ދުވަހުން ފެށިގެން އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކޮށް ހެދި ޓެސްޓުން 53 މީހަކު ޕޮޒިޓިވް ވިއެވެ. އެއަށް ފަހު މި މަހުގެ 2 ވަނަ ދުވަހު އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ފަހުން ޕޮޒިޓިވްވި ދެމީހުންގެ ތަފްސީލް ދެއްވަމުން ނަޒްލާ ވިދާޅުވީ، ސެކިއުރިޓީ ގާޑުގެ އެކޮމޮޑޭޝަން ހުންނަނީ އެ ކުންފުނީގެ މައި ވޯކް ސައިޓުގައި ކަމަށާއި އެހެންކަމުން މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސައިޓުވެސް ވަނީ ކަރަންޓީން ކުރެވިފައި ކަމަށެވެ. އަދި އެ ސައިޓުގައި ތިބި 230 ލޭބަރުންގެ ސާމްޕަލް ނަގާ ޓެސްޓު ކުރެވުނު ކަމަށާއި ނެގި ޓެސްޓުތަކުގެ ތެރެއިން އެކަކުގެ ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން އެހެން ދުވަހަކު އެރަށަށް ދިޔަ 8 މީހަކުވެސް ޓެސްޓު ކުރެވުނު ކަމަށާއި އޭގެތެރެއިން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީންގައި ތިބި މީހުން ކަމަށާއި އަދި އެއީ އެމީހުންނާ ދިމާވެފައި ވާ މީހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެހެން ކަމުން ކަރަންޓީން އުސޫލާ ހިލާފްވެ ކަރަންޓީންގައި ތިބި މީހުން ކައިރިއަށް މީހުން ގޮސްފައިވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި މި މައްސަލަ ވަނީ މިހާރު ފުލުހުންނަށް ހުށަހަޅާފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.