ގދ. ހޯޑެއްދޫން ކޮވިޑް ބަލީގެ އަލާމަތް ފެންނަ ފަރާތްތައް ޓެސްޓު ކުރަމުން ދާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، އެރަށް މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ އެ ރަށުގައި އެންމެ ފަހުން ނެގި އެކްޓިވް ސާވައިލަންސް ސާމްޕަލް ތަކުގެ ނަތީޖާއަށް ފަހު ކަމަށެވެ. އެގޮތުން އެންމެ ފަހުން ހެދި 70 ސާމްޕަލް ވަނީ ނެގެޓިވް ވެފައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.
ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މި ދިޔަ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ އެ ރަށުންގެ ފުރަބަންދުގައި ތިބި 4 މީހުންނެވެ. ފުރަބަންދު 4 ކޭސްއަށް ފަހު މި ދިޔަ މަހުގެ 4 ވަނަ ދުވަހު އިތުރު 2 ކޭސް ވަނީ ފެނިފައެވެ. އެ ކޭސްތަކާ ގުޅިގެން 36 ކޮންޓެކްޓުން ވަނީ ފެނިފައެވެ. އެ ކޮންޓެކްޓުންގެ ތެރެއިން އަލާމަތްތައް ހުރި މީހުން ޓެސްޓު ކުރި އިރު މި ދިޔަ މަހުގެ 5 ވަނަ ދުވަހު އިތުރު 19 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އެގޮތުން އެމީހުންނާ ގުޅުން ހުރި 111 ކޮންޓެކްޓުން ފެނިފައިވާ އިރު އެ ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓު ކުރުމާއެކު މި ދިޔަ މަހުގެ 8 ވަނަ ދުވަހު ވަނީ އިތުރު 10 ކޭސް ފެނިފައެވެ. އޭގެ ފަހުން މި ދިޔަ މަހުގެ 9 ވަނަ ދުވަހު އިތުރު އެއްކޭސް އާއި މި ދިޔަ މަހުގެ 11 ވ ަނަ ދުވަހު އިތުރު 2 ކޭސް އެވެ. އޭގެ ފަހުންވެސް އިތުރު 6 ކޭސް ވަނީ އެރަށުން ފެނިފައެވެ. އަދި އެއަށްފަހު އިތުރު 3 ކޭސް ފެނި އެރަށުން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ.