ހދ. ކުޅުދުއްފުށި ސިޓީން މީހަކު ޕޮޒިޓިވް ވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށްރަށް މޮނިޓަރިންނަށް ގެެނެސްފައި ވަނީ ކުޅުދުއްފުށީގައި މަަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެފައިވާތީ ކަމަށެވެ. ނަމަވެސް އެމީހާއަކީ މާލެއަށް ދަތުރުކޮށްފައިވާ ފަރާތެއް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެރަށްތައް މޮނިޓަރިންނަށް ގެނައީ އަތޮޅު ތެރޭގެ އެކި ސްޓޭޝަންތަކަށް އެމީހާ ދަތުރުކޮށްފައިވާތީ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ކަމަށާއި އެގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ސާމްޕަލް ނަގާނެތޯ އާއި މޮނިޓަރިންގައި ބާއްވާނެތޯ ނިންމާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކުޅުދުއްފުށި ޕޮޒިޓިވް ކޭސް ފެނި އެ ރަށް ވަނީ މޮނިޓަރިންއަށް 2 ފަރަކު ލާފައެވެ.

އެންމެ ފަހުން އެރަށުން ޕޮޒިޓިވް ކޭސްއެ ފެނިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އޭރު އެ ރަށް މޮނީޓަރިން އަށް ލާފައިވަނީ މާލެ ދަތުރުކުރާ "ފާޅު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކުވެސް ޕޮޒިޓިވް ވެފައިވާއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް -19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީ އިން ފެނުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔުމަށްފަހު ބަލަންޖެހޭ ކަންތައް ބަލައި ނިމުމުން އެ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މިރޭ މޮނިޓަރިންއަށް ލީ ރަށްރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު އެރުމަކީ މަނާކަމެއް ކަމެކެވެ.