ހދ. ކުޅުދުއްފުށިން ނެގި ސާމްޕަލް އެއް ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީއަށް މީހުން އަރައިފޭބުން މަނާކޮށްފިއެވެ.

"ދަ ޕްރެސް" އަށް ކަށަވަރުވެފައިވާ ގޮތުގައި، އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ދެއްކި މީހެކެވެ. އޭނާ ކޮވިޑް19 އަށް ޓެސްޓުކޮށްފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ކަމަށާއި މިއަދު ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ ކުރިން އެރަށުން ޕޮޒިޓިވް ކޭސްއެ ފެނިފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އޭރު އެ ރަށް މޮނީޓަރިން އަށް ލާފައިވަނީ މާލެ ދަތުރުކުރާ "ފާޅު" ނަމަކަށް ކިޔާ ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކެޕްޓަން އާއި ކޮންޓެކްޓުވި އިތުުރު ދެ ފަޅުވެރިޔަކުވެސް ޕޮޒިޓިވް ވެފައިވާއިރު، ފަޅުވެރިޔަކާ ކޮންޓެކްޓުވި މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާކަމަށް އަންގައި އެރަށު ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ، އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ވަނީ މިރޭ 21:15 އިން ފެށިގެން ކަމަށެވެ.

އަދި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުމަކީ މަނާކަމެއް ކަމަށް އެ ލިޔުމުގައިވެއެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކު ކުޅުދުއްފުށި ސިޓީ އިން ފެނުމުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔުމަށްފަހު ބަލަންޖެހޭ ކަންތައް ބަލައި ނިމުމުން އެ ސިޓީގެ މޮނީޓަރިންގެ ހާލަތު އުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.