މިއަދު ލިބިފައިވާ ކާމިޔާބީއަށްޓަކައި ޓީޗަރުންނަށް ޝުކުރު ހައްގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ، ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓިވި ހެޔޮ އަސަރެއް ކުރުވި ބަޔަކީ މައިންބަފައިންނަށް ފަހު ޓީޗަރުން ކަމަށެވެ.

ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބާގައި ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ހުރިހާ ޓީޗަރުންނަށާއި، މިއަދުގެ ޅަ ޖީލު ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ހުރިހާ ޓީޗަރުންނަށް ޝުކުރު ދަންނަވާފައެވެ.

މީލާދީން 1994 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ. ޓީޗަރުންގެ ދުވަހަކީ، ހުރިހާ އެންމެން ޝާމިލުވާ ފަދަ ގޮތަކަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމުގައި އެދުރުން އަދާކުރަމުންދާ ދައުރުގެ ހަނދާން އާ ކޮށްދެނިވި ދުވަހެކެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހާއި ބައްދަލު ކުރަންޖެހިފައި މިވަނީ، ހަމަ ލޮލަށް ނުފެންނަ ސިވިއާއެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސަ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހި، އިހު އުޅުނު އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ.

މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ "ޓީޗާސް: ލީޑިން އިން ކްރައިސިސް، ރިއިމޭޖިނިން ދަ ފިއުޗާ" އެވެ. މި ޝިއާރު ކަނޑައަޅާފައި ވަނީ ކޮވިޑް-19އާ ވެސް ގުޅުވާފައެވެ.