ބ. އޭދަފުށީ ޓާފް ދަނޑަށް ކުޅެން ދާ ޒުވާނުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި އެރަށުގެ ޒުވާނުން މިއަދު މުޒާހަރާ ކޮށްފައިވާ އިރު، އެ ޒުވާނުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ތަލާލް އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
މިއަދު އޭދަފުށީ ކައުންސިލް ކުރިމަތީ އެ ރަށުގެ ގިނަ ޒުވާނުންތަކެއް އެއްވެ މުޒާހަރާ ކޮށްފައި ވާއިރު އެ ޒުވާނުން ވަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއަދު 11:30 ހާއިރު ކައުންސިލް ކުރިމަތީ ކުރި މުޒާހަރާގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ. ސުލްހަވެރި ކަމާއެކު ޒުވާނުންގެ ޝުއޫރުތައް ފާލުކޮށްފައި ވަނީ އެ ރަށުގައި އަޅާފައިވާ ޓާފް ދަނޑަށް ކުޅެން ދިއުމުން އެ ޓާފް ދަނޑު ބެލެހެއްޓުމަށް ކޮންޓްރެކްޓް ހަދައިގެން ހަވާލުވެ ހުންނަ ބައެއްގެ ފަރާތުން ދިމާވާ އުނދަގޫތަކާ ގުޅިގެން ކަމަށް ކައުންސިލުން ބުނެއެވެ.
އެ މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ އެ ރަށުގެ ކްލަބް ކޮމްބިނޭޝަންގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ފާރިހް ބުނީ، އެ ދަނޑަކީ އެރަށުގައި އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި ހެދި ދަނޑެއް ކަމަށާއި އެ ރަށު ޒުވާނުން ކުޅުމަށް ހޯދާފައިވާ ހުރިހާ ސާމަނަކީވެސް ނަޒީރު ހޯދައިދިން އެއްޗެހި ކަމަށެވެ. އެ ދަނޑު ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްފައި އޮންނަ އިރު އެތަން ބެލެހެއްޓުމުގައި އުޅޭ ދެ މުވައްޒަފެއްގެ ފަރާތުން އެކިކަހަލަ އުނދަގޫތައް ދިމާވާ ކަމަށް ފާރިހް ބުނެއެވެ.
އެގޮތުން ބައެއް ދުވަސްދުވަހު ކުޅެން ދާއިރު ގޯލް ފޮރުވުމާއި ގޭޓް ތަޅުލައި ބަންދު ކުރުން ފަދަ ކަންކަން ކުރާ ކަމަށް އޭނާ ބުނެއެވެ. ރަށުގައި 5 ޖަމިއްޔާއެއް އޮންނަ އިރު އެ ހުރިހާ ޖަމިއްޔާއަކުންވެސް ގަޑި ބަހާލައިގެން ޓާފް ދަނޑަށް ކުޅެންދާ ކަމަށް އޭނާ ބުނެއެވެ. އަދި މި އުނދަގުލަކީ ވަކި ޖަމިއްޔާއަކަށް ވުމުން ކުރާ ކަމެއް ނޫން ކަމަށާއި ހުރިހާ ޖަމިއްޔާއަކުންވެސް މި ކަންބޮޑުވުން ފާލުކޮށްފައި ވާނެ ކަމަށް އޭނާ ބުނެއެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް ތަލާލް ވިދާޅުވީ، މި މައްސަލަ ހައްލުކޮށް ދިނުމަށް ދަނޑު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތާ ބައްދަލުކޮށް ވާހަކަ ދައްކަވާނެ ކަމަށާއި މި ކަމުގައި ޒުވާނުންގެ ޝުއޫރުތައް ވަރަށް ގާތުން އަޑުއައްސަވާފައި ވާނެ ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދައިދީ އޭދަފުށީ ޒުވާނުން އެދޭ ގޮތަށް މި މައްސަލަ ހައްލުކޮށް ދިނުމަކީ ކައުންސިލުން ބޭނުންވާ ގޮތް ކަމަށް ވެސް ތަލާލް ވިދާޅުވިއެވެ.
އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު ހުޅުވާފައި ވަނީ މިދިޔަ އަހަރު ތެރޭގައެވެ. އަމިއްލަ ފަރާތަކުން ބޮޑު ހޭދައެެއް ކޮށްގެން އޭދަފުށީގެ ޒުވާނުން އަޅައިދިން މި ދަނޑަކީ ރަށްރަށުގައި އަޅާފައި ހުރި ޓާފް ދަނޑުތަކުގެ ތެރެއިން ފާހަކޮށްލެވޭ ދަނޑެކެވެ.