ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބޯޑަރު ބަންދު ކުރުމަށްފަހު މިދިޔަ ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލިފަހުން ރާއްޖެއަށް 18867 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީގެ ތެރެއިން 9538 މީހުން އައިސްފައި ވަނީ ސެޕްޓެމްބަރު މަހުއެވެ. ޖުލައި އަދި އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެވްރެޖްކޮށް ޖުލައި މަހު 100 ފަތުރުވެރިން އައި އިރު، އޮގަސްޓު މަހު 218 އަދި ސެޕްޓެމްބަރު މަހު 318 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިއާއިންނެވެ. އެގައުމުން 2065 ފަތުރުވެރިން އައިއިރު، ޔޫއޭއީ އިން 1029، ޔޫއެސް އިން 935 އަދި ޔޫކޭ އިން 625 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ސްޕޭނުން 466، ބްރެޒީލުން 444، ޖާމަނީން 362، ފްރާންސުން 279، އިންޑިއާއިން 262ގެ އިތުރުން އިޖިޕްޓުން 232 ފަތުރުވެރިން އައެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެިރން އައި ދުވަހެއް ކަމަށް ބެލެވުނީ 20 ވަނަ ދުވަހެވެ. އަދި އެންމެ މަދުން ފަތުރުވެރިން އައި ދުވަހެއް ކަމަށް ބެލެވެނީ 16 ސެޕްޓެމްބަރެވެ. 20 ވަނަ ދުވަު 696 ފަތުރުވެރިން އައިސްފައިވާއިރު، 16 ވަނަ ދުވަހު އައީ އެންމެ 97 ފަތުރުވެރިންނެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. އަދި މިމަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.