އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރުމަށް ގެނައި އިންޑިއާ މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އައްޑޫއިން ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ވި އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އައްޑޫން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު 54 އަށް އަރާފައިވާ ކަމަށެވެ.

އައްޑޫގައި ހަދާ ޕޮލިސް ޓްރޭނިން ސްކޫލުގެ މަސައްކަތަށް މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ 128 މީހަކު އައިސްފައި ވެއެވެ. އަދި އެމީހުން އައި ދުވަހުން ފެށިގެން އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކޮށްފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ޕޮޒިޓިވް ވުމާ ގުޅިގެން އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ތިބި ދެމީހަކު ޓެސްޓު ކޮށް އެމީހުން ވަނީ ނެގެޓިވް ވެފައެވެ.

އައްޑޫއިން މިހާރު ހުރި އެކްޓިވް ކޭސްތަކަށް ބަލާއިރު ސ. ގަމުގައި 54 އެކްޓިވް ކޭސް ވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން 53 މީހުންނަކީ ބިދޭސީންނެވެ. އަދި ކޮންޓެކްޓެއްގެ ގޮތުގައި ކުރިން ޕޮޒިޓިވް ވެފައި ހުރި ދިވެއްސެއްވެސް ހިމެނެއެވެ. މީގެ އިތުރުން ސ. ހުޅޫދޫގައި މިވަގުތު ހުރީ 1 އެކްޓިވް ކޭސްއެވެ. އެއީ ފުރަބަންދުގައި ހުރި ބިދޭސީއެކެވެ.

އައްޑޫއިން ޖުމްލަ ޕޮޒިޓިވް ވި މީހުންގެ އަދަދު ޖުމްލަ 68 އަށް އަރާއިރު އެއީ މާލެ ސަރަހައްދުން ހޯމް ކަރަންޓީނަށް އައްޑޫއަށް ދިޔަ 14 މީހުންނާއި، އިންޑިއާގެ ކޮޗިން އިން އައްޑޫގެ ޕޮލިސް އެކަޑަމީ އެޅުމަށް ދިޔަ 53 މީހުންނާއި، އައްޑޫ ޕޮލިސް އެކަޑަމީގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.