ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެއިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ، އިތުރު 26 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ޕޮޒިޓިވް ވެފައި ވަނީ 38 ދިވެހިންނާއި 6 ބިދޭސީއަކު ކަމަށެވެ. އެއާއެކު ރާއްޖެ އިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 10،398 އަށް އަރައިފައެވެ.

މިއަދު އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި، މާލެ ސަރަހައްދުން 40 މީހުންނާއި ރަށްރަށާއި ރިސޯޓުތަކުން ހަތަރު މީހުން ހިމެނެއެވެ.

މިއަދު ބަލިން 26 މީހަކު ރަނގަޅުވެފައިވާއިރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9213 އަށް އަރާފައެވެ.

މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1،144 މީހުންނެވެ. އޭގެ ތެރެއިން 79 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެއެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު ވެސް ވަނީ 516 އަށް މަދުވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 34 މީހެކެވެ.