އެމްއެމްޕީއާރްސީ މައްސަލައިގައި ހިޔާނާތްތެރިވި ފައިސާއިން އެއްވެސް މިންވަރެއް ނުހޯދާ އަދަބަށް ލުއި ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިީހުގެ ކުރީގެ ހާއްސަ މަޖިލީހުގެ މެންބަރު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ބަ ކައުންސިލްގެ މެންބަރު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ، އެމްއެމްޕީއާރްސީ މައްސަލައިގައި އެންމެ މުހިންމީ ހިޔާނާތްތެރިވި ފައިސާ އަނބުރާ ހޯދުމާއި ލިބުނު ގެއްލުމުގެ ބަދަލު ލިބުން ކަމަށެވެ. އަދި އެމްއެމްޕީއާރްސީ މައްސަލައިގައި އެއްވެސް ރުފިޔާއެއް ދައުލަތަށް ހޯދިފައިވާ ކަމާމެދު މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ހިޔާނާތްތެރިވި ފައިސާއިން ދައުލަތަށް ލިބެން ޖެހޭ އެއްވެސް މިންވަރެއް ނުހޯދާ، ލިބެން ޖެހޭ އަދަބަށް ލުއި ދިނުމަށް އިއުތިރާފްވެ އެއްބަސްވުމެއް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
މުއިއްޒު އެފަދައިން ވިދާޅުވެފައި ވަނީ ދައުލަތުން އުފުލާފައިވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ ހަތް ދައުވާއަށް އަދީބު އިއްޔެ އިއުތިރާފް ވެވަޑައިގެން އެކަމަށް ދައުލަތާއި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވާތީއެވެ.
އިއްޔެގެ ޝަރީއަތުގައި އަދީބު ވިދާޅުވެފައި ވަނީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް އެ ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށްވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅު ހުރީ އެމްއެމްޕީއާރްސީގެ ތެރެއިން ލިބޭ ފައިސާ ސިޔާސީ ބޭނުންތަކަށް ބޭނުން ކުރުމަށް ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ. ސިޔާސީ މަސައްކަތަކަށާއި ސީދާ ޕީޕީއެމަށް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށާއި މިނިވަން މުއައްސަސާތަކަކާއި ޝަރުއީ ދާއިރާ އަށާއި މަޖިލީހުގެ އެކި ވޯޓްތަކަށް ފައިސާ ހަރަދުކުރެއްވި ކަމަަށްވެސް އަދީބު ވިދާޅުވިއެވެ.
ނަމަވެސް އެ ފައިސާ ސިޔާސީ ޕާޓީތަކާއި ސިޔާސީ އިސް ލީޑަރުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ އަންނަނީ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.