ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެލޭނިއާ ޓްރަމްޕް އަވަސް ޝިފާއަކަށް އެދިވަޑައިގެންފިއެވެ.
ރައީސް ސޯލިހްގެ ދެކަނަބަލުން، ޓްރަމްޕްގެ ދެކަނބަލުންނަށް އަވަސް ޝިޕާއަކަށް އެދިވަޑައިގަތީ، އެ ދެ ބޭފުޅުން، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޮނާވައިރަސް ޑިޒީސް، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ޓްރަމްޕްގެ ދެކަނބަލުން ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އާންމު ކުރެއްވީ، ޓްރަމްޕް ކުރެއްވި ޓްވީޓެއްގައެވެ.
ޓްރަމްޕާއި އަނބިކަނބަލުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި މިވަނީ، ޓްރަމްޕާ އެކު މިދިޔަ އަންގާރަ ދުވަހު ރިޔާސީ ބަހުސަށް ވަޑައިގެންނެވި އެންމެ އިސް މުޝީރު ހޯޕް ހައިކްސްވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން ވައިޓްހައުސްއިން ކަށަވަރު ކޮށްދީފައި ވާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕްގެ ޓްވީޓްގައިވާ ގޮތުން މިހާރު އޭނާއާއި އަނބިކަނބަލުން ތިއްބެވީ ކަރަންޓީނުގައެވެ. ކަރަންޓީނު ފުރިހަމަ ކުރައްވާނީ ވައިޓްހައުސްގައި ކަމަށް ޚަބަރު ލިބެއެވެ.
ޓްރަމްޕްގެ ފިޒީޝަން ޑރ ޝޯން ކޮންލޭ އާންމު ކުރެއްވި މެމޯއެއްގައި ވިދާޅުވީ، ޓްރަމްޕްގެ ދެކަނބަލުންގެ ހާލުކޮޅުވެސް ރަނގަޅު ކަމަށާ، މެޑިކަލް ޓީމުން ވަރަށް ގާތުން ކަންކަން ބަލަމުން ގެންދާނެ ކަމަށެވެ. އިތުރު ތަފްސީލެއް ބަޔާން ކުރެއްވުމެއް ނެތި ޑރ ކޮންލޭ ވިދާޅުވީ، އެމެރިކާގެ ފުންނާބު އުސް ތަޖުރިބާކާރުންނާ މުއައްސާސާތަކުގެ ފަރާތުން އެއްބާރުލުން ލިބެމުން ދާ ކަމަށެވެ.
އަރިސް މުޝީރު ހޯޕް ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕް ވަނީ، އެއީ ސަޕޯޓަރަކާ ދެމެދު ހިނގި މުއާމަލާތެއްގެ ތެރެއިން ހޯޕްއަށް ވައިރަހުގެ އަސަރުކޮށްގެން ހިނގި ކަމެއް ކަމަށް ވިދާޅުވެފައެވެ.
ޓްރަމްޕް މީގެ ކުރިން ވަނީ، އޭނާގެ އަރިސް ބޭފުޅުން ކޮވިޑް-19އަށް ޕޮޒިޓިވްވުމަކީ ގައުމު ރައްކާތެރި ކަމަށް ތަސްވީރު ކޮށްދެއްވަމުން ގެންދަވާ މަންޒަރަށް އުނިކަން ލިބޭނެކަމެއް ކަން ފާހަގަކުރައްވާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާގެ ސަރުކާރުން މިހާތަނަށް އަމަލުކޮށްފައި ވާ ގޮތަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފައެވެ.
ޓްރަމްޕްގެ ސަރުކާރުގެ ނިންމުންތަކާ، ސިއްހީ ތަޖުރިބާކާރުންގެ ނިންމުންތަކާ ދެމެދު ފުށޫ އެރުންތަކެއް ހުރިއިރު، ޓްރަމްޕް ގެންދަވަނީ ކޮވިޑް-19 ސިޔާސީ ކުރައްވަމުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މި ދުވަސްވަރަކީ އެމެރިކާގެ ރިޔާސީ އިންތިހާބަށް އެންމެ ފޯރީގައި ކެމްޕޭން ހަރަކާތްތައް ކުރިއަށްދާ ދުވަސްވަރެކެވެ.
އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 7.49 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 212660 އަށ ވަނީ އަރާފައެވެ. މިއީ ދުނިޔޭގެ ނިސްބަތުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޮވިޑް-19ގެ ކޭހާއި އެ ބަލީގައި މަރުވި މީހުންގެ ކޭސް ރެކޯޑް ކުރި ގައުމު ވެސް މެ އެވެ.